Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމަށް ހުޅުވާލައިފި

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން މިއަދު ހުޅުވާލަިފި އެވެ.

ބީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ "ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް"ގެ ތެރެއިން ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ދާއިރާއަކަށް ކަމަށެވެ. އެއީ:

– ފިލްމް އުފެއްދުން
– މިއުޒިކް އުފެއްދުން
– އާރޓް އެންޑް ކްރާފްޓް
– ކޮންޓެންޓް ކްރިއޭޝަން

މި ސްކީމްގެ ތެރެއިން މާލީ އެހީތެރިކަމަށް ކުރިމަތިލެވޭނެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުމާއި، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުދި ނުވަތަ ކުދި ވިޔަފާރީގެ ގިންތީގައި ހިމެނޭ ސައްތަ އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިއެއް ކަމުގައިވުން، ނުވަތަ ބީސީސީ އިން ޤާއިމުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ.

ބީސީސީން ބުނީ މި ސްކީމްގެ ތެރެއިން ކަނޑައެޅިފައިވާ ހުރިހާ ދާއިރާތައް ހިމެނޭހެން މާލީ އެހީތެރިކަން ހޯދުމަށް އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމު ކަމަށެވެ. މި ދާއިރާތަކުން 50,000 އާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.