ރާއްޖެ ތަރައްޤީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީން)އިން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އދ އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށާއި އަދި ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އެހާމެ މުހިންމު ކަމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ޔޫ.އޭން.ޑީ.ޕީ- މޯލްޑިވްސް އުފައްދާފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި އިންސާނީ ކަރާމާތާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހިމެނޭހެން ދެފަރާތުން ހިއްސާކުރާ މުހިންމު ކަންތައްތަކެއް ނަގަހައްޓައި އަދި ކޮންމެ ދިވެއްސަކަށްވެސް ކުރިމަގުގައި ކުރިޔަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާކަން ކަށަވަރުކޮށްދިނުމަށްކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ރާއްޖެއަކީ އިޤްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީ ހާސިލުވެފައިވާ ޤައުމަކުންފެށިގެން އައިސް ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްޤީގައި ކުރިއަށް ދަތުރުކުރާ ޤައުމަކަށް ބަދަލުވުމުގައްޔާއި، އަދި މުޅި އެބަދަލުގައި ޔޫ.އެން.ޑީ.ޕީން އަދާކުރި ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫ.އެން.ޑީ.ޕީން ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޔޫއެންޑީޕީން ހަމައެކަނި ތަރައްޤީގެ އަސާސީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ވިލުންތެރިކަން އިތުރުކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމާއި އިޖުތިމާޢީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހިންގުމުގެ ރަނގަޅުގޮތްތަކާއި މުޢައްސަސާތައް ރިފޯމުކުރުން ފަދަ ފަހުން ކުރިއަރަމުން އަންނަ ކަންކަމަށް ޔޫއެންޑީޕީގެ ޕްރޮގްރާމުތައް ފުޅާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.