މި ސަރުކާރުން ރައްޔިތުންނަށް ގައްދާރުވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނެ ކަމުގެ ވައުދާއެކު ކަމަށާއި ނަމަވެސް ސަރުކާރަށް 11 މަސްވެގެންދިޔައިރު ވެސް ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"އެކަން ބަދަލުކުރަން މަސައްކަތެއް ނުކޮށް ތިބި ތިބުމާއި ހަމައިން، އަޅުގަނޑު ދިވެހި ރައްޔިތުން ކައިރީ ބުނާނީ، މި ސަރުކާރު ގައްދާރުވެއްޖެއޭ ދިވެހި ރައްޔިތުންނަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ވެސް ދައްކާލަން މި ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެ ސިޓީފުޅަކީ ސިއްރެއް ނޫން ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލާގައި ސޯލިހާއި ސުވާލުކޮށްލާނެ ހިތްވަރެއް ވެސް މި ސަރުކާރުގައި ނެތް ކަމަށާއި ވައުދުވީ ގޮތަށް ކަންކަން ނުކުރުމުން ސިޔާސީ މީހުންނާއި މެދު ރައްޔިތުންގެ އުއްމީދެއް މިހާރު ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެއްވެސް ލީޑަރަކު އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންތައްތައް ކޮށްދޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. ސިޔާސީ ހަރަކާތްތަކާއި އާންމުން ދުރުވާ ދުރުވުމަކީ މި ދެންނެވި ގޮތަށްވާ ކަންކަން. ކީއްކުރަންތޯ ވާންވީ، ކިޔަވައިގެން ހުރި ޒުވާނަކަށް ވަޒީފާއެއް ލިބެނީއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސީން މި ނިންމީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާތާ ޒަމާންތަކެއް ފަހުންނެވެ.