Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ހިތަދޫގައި އިތުރު އޭޓީއެމްތަކެއް ބަހައްޓަނީ

އައްޑޫ ސިޓީ ހިތަދޫގައި އޭޓީއެމް ބަހައްޓަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ތިން ބިމެއް ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އައްޑޫ ކައުންސިލުން ރޭ ބޭއްވި ޖަލްސާ އަށް މި މައްސަލަ ހުށަހެޅީ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު އެވެ. އެ މައްސަލާގައި ބުނެފައިވަނީ އޭއީއެޗް ސަރަހައްދުންނާއި ހިތަދޫ ސްކޫލް ކުރިމަތިން ދަނޑާއި އިންވެގެން 300 އަކަފޫޓޫގެ ބިން އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ބިން ދޫކުރުމަށެވެ.

އެ މައްސަލަ އަށް ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒު އިސްލާހެއް ހުށަހަޅާފައިވެ އެވެ. އެ އިސްލާހުގައި ވަނީ ރޯޔަލް ޕްލަސް ސަރަހައްދުން ވެސް 300 އަކަ ފޫޓުގެ ބިން އޭޓީއެމް ބަހައްޓަން ދޫކުރުމަށެވެ.

މި އިސްލާހާއެކު އެ މައްސަލަ ފާސްކޮށްފައިވަނީ ރޭގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އޭޓީއެމް ބެހެއްޓުމަށް މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިމުން ކުލި ނުނަގާ ގޮތަށެވެ.