Last Updated: October 18, 20:10
Friday, October 18, 2024
ކުޅިވަރު

ފަހު ވަގުތު ގްރީސް އިން އިންގްލެންޑް ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ގްރީސް އިން 2-1 އިން އިންގްލެންޑް ބަލިކޮށްފި އެވެ.

މިއީ ގްރީސްގެ ތާރީހުގައި ވެސް އިންގްލެންޑްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ކުޅެފައި ނުވާއިރު، މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ގްރީސް އިންނެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ގްރީސްގެ ވެންޖަލިސް ޕަވްލިޑިސް މި ގޯލު ކާމިޔާބު ކުރީ އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލާއެކު އިންގްލެންޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައިރު، މެޗުގެ 87 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ގްރީސްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

މި ގޯލާއެކު ދެ ޓީމު އެއްވަރެއްގައި އޮވެ މެޗު ނިމެން ދަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕަވްލިޑިސް ވަނީ ގްރީސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތާރީހީ މޮޅެއް ހޯދާދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ އިންގްލެންޑްގެ ޑިފެންސްލައިނަށް ބޯޅަ ސާފުކޮށްނުލެވުމުގެ ބޭނުން ހިފައިގެންނެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރާންސުން ވަނީ 4-1 އިން އިޒްރޭލު ބަލިކޮށްފަ އެވެ. ބެލްޖިއަމް އާއި އިޓަލީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ނޯވޭ އިން ވަނީ 3-0 އިން ސްލޮވީނިއާ ބަލިކޮށްފަ އެވެ.