ކޮރަޕްޝަން ނައްތާލުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި، އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހައިދަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިޛުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެފަދަ ގޮތަކަށް ކަމަށެވެ.
ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި، އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުންނެތި ދާނެ ކަމަށް ވިދާޅުވި އެވެ.
"ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކުލަވާލާ ސިޔާސަތަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކީ ހަމަހަމަ ނިޒާމަކުން އެންމެ ބޭނުންވާ ފަރުދުންނަށް ހިޛުމަތްދެވޭކަން ޔަޤީންކުރުން" ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ އިޖުތިމާއީ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް އެކި ގޮތްގޮތަށް ހިންގާފައި އެބަހުރި ކަމަށާއި އެ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރި ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭކަމަށް ވިދާޅުވި އެވެ.
"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގަވައިދުން އޮޑިޓްކޮށް، ފަންޑުން ހަރަދުކުރެވެމުންދާ ގޮތް ހާމަކޮށް، ފަންޑުން ފައިސާ ދޫކުރުމުގެ ޝަރުތުތައް ހަރުދަނާ ކުރަން ޖެހޭ" ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން އެ ނިޒާމު ހަރުދަނާކުރުމަށް ފަންނިޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭކަމަށާއި، އެކި ފަރުދުންގެ ފަރާތުން ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަންޖެހޭކަމަށް ވެސް ވިދާޅުވި އެވެ.