އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ކަމަށާއި ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތްﷲ ހަލާކުކުރައްވާ ކަމަށާއި މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސް އުޅެއެވެ. އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ!" ހުތުބާގައި ބުނެފައިވެ އެވެ.
ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދާ ކަމަށާއި އެގޮތުން ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށް ހުތުބާގައި ބުންޏެވެ.
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވާ އިރު އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށާއި އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއ ެވެ.
"މާތްﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށެވެ. އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ،" ހުތުބާގައި ވެ އެވެ.
ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ ކަމަށާއި ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށްﷲ ދެއްވި ދުންޔަވީ ސަޒާއެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެގެން އަދި ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.