Last Updated: October 18, 20:10
Friday, October 18, 2024
ކުޅިވަރު

އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބަޑި ޖެހުމުގެ މުބާރާތެއް ބާއްވަނީ

އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބަޑި ޖެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ޝޫޓިން އެސޯސިއޭޝަނުން ބުނީ މި މުބާރާތް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ގޫގުލް ފޯމު މެދުވެރިކޮށެވެ.

މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ހިމެނޭ ޝޫޓިން ސްޕޯޓްސް ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމާއި، ޒުވާން އެތްލީޓުން ތައްޔާރުކޮށް ކުރިއެރުވުމާއި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކުރާނެ ޓީމެއް ތައްޔާރުކުރުން ހިމެނެ އެވެ.

ތަފާތު އެކި ކެޓެގަރީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހެ އެވެ. ނަމަވެސް ސްކޫލްތަކުގެ ދަރިވަރުން ދައްކަން ޖެހޭނީ 300ރ. ކަމަށް ޝޫޓިން އެސޯސިއޭޝަނުން ބުނެ އެވެ.

ޝޫޓިން އެސޯސިއޭޝަނުން ބުނިގޮތުގައި މި މުބާރާތުގައި އަލަށް ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އެ އެސޯސިއޭޝަނުން ހިންގާ ވެޕަންހޭންޑްލިން އެވެއާނެސް ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެ އެވެ. މި ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މިއީ މިގޮތަށް އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ ބަޑި ޖެހުމުގެ ފުރަތަމަ މުބާރާތެވެ.