Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ރާއްޖޭގެ ތިމާވެރި ރައްކާތެރިކުރަން އެއްބާރުލުން ދޭނަން

ރާއްޖޭގެ ތިމާވެރި ރައްކާތެރިކުރަން އެއްބާރުލުން ދޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.

އޭޑީބީ އިން މިހެން ބުނެފައިވަނީ އެ ބޭންކުގެ ފެނާއި އާބަން ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ މަނޯޖް ޝަރްމާ، މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި އޭޑީބީގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާއި، ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާގައި ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި އޭޑީބީން ރާއްޖޭގައި ތަންފީޒުކުރަމުންދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވުނު ކަމަށާއި ޚާއްޞަކޮށް ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާގައި ކުރިއަށް އޮތްތަނުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ، އޭޑީބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަންފީޒުކުރެވެމުންދާ މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބެމުންދާ ފައިދާތަކަށް ސަރުކާރުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ދެ ދާއިރާގައި އިތުރު މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.

މަނޯޖް ޝަރްމާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އޭޑީބީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތައް ރޭވުމުގައި ގާތުން މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.