Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

މަޝްވަރާނުކޮށް ގަމުގައި ޑްރޯން ބޭސްއެއް ގާއިމުކުރާތީ ނުރުހުން

މަޝްވަރާ ކުރުމަކާއި ނުލައި އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފް އިން ޑްރޯން ބޭސްއެއް ގާއިމުކުރަން ނިންމާފައިވާތީ އައްޑޫގެ މޭޔަރު އަލީ ނިޒާރު ނުރުހުން ފާޅުކުރައްވައިފި އެވެ.

ނިޒާރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ގަމަކީ އެ ސިޓީ ތަރައްގީގެ ޕްލޭންތަކާއި ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ހިންގަމުން އަންނަ މަރުކަޒެއް ކަމަށާއި އެއީ ކުރިއާ ހިލާފަށް އިގްތިސާދީ ޕްލޭންތައް ހެދި ނިމިފައިވާ ތަނެއް ކަމަށެވެ. ނަމަވެސް މިތަނަކީ ސިފައިންނާއި ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބާއްވަން ސަރުކާރުތަކުން މަސައްކަތް ކުރުމަކީ އައްޑޫގެ ތަރައްގީއަށް ބޮޑެތި ހުރަސްތައް ދިމާވެދާނެ ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެގޮތުން މިވަގުތުވެސް ގަމުގެ ދެކުނު ކޮޅުގައި ހޮޓަލެއް ގާއިމު ކުރުމަށް ނިންމާފައިވާ ފުރިހަމަ ލޮކޭޝަންގައި ޑްރޯން ބޭސްއެއް (އެއަރ ސްޓޭޝަން) ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. މިކަން ނިންމާފައި ވަނީ އައްޑޫ އެއާޕޯޓްސް ކޮންޕެނީގެ ވިސްނުމާއި ދެކޮޅަށް އައްޑޫ ކައުންސިލަށް ވެސް އެގުމެއްނެތި އަދި އައްޑޫގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވެސް އެގުމެއްނެތި ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މިގޮތަށް މިކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ މަޝްވަރާ ކުރެވިގެން އައްޑޫގެ ކޮންމެ ދިމާލަކުން ޕްލޭންތައް ފުށުނާރާނެހެން ސިފައިންނާއި ފުލުހުންނަށް ބިންދިނުމަކީ ކައުންސިލުން އެއްބަސްވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިވީހާ ތަނަށް އެކަން ކޮށްފައިވަނީ ވެސް އެގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.