Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ދިޔާހަކުރު ފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ލޯކަލް މާރުކޭޓް - ފޮޓޯ: މިހާރު

މާލޭގެ ލޯކަލް މާރުކޭޓުން ދިޔާހަކުރު ފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަނޫފް އަބްދުލްޣަނީ ،27، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފަ އެވެ.

މި މައްސަލާގައި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގައިވާ ގޮތުން ހަތަރު ފުޅި ދިޔާހަކުރު ގެންގުޅުނު ކަމަށާއި ނަމަވެސް އެއީ ވަގަށް ނެގި އެއްޗެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއީ ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ ފެނިގެން އެ ފުޅިތައް ނެގީ ކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދި އެވަގުތު ސީނުގައި ތިބި ފުލުހުން ގާތު އޭނާ ވަނީ އެއީ ޕިކަޕެއްގެ ދަށުން ނެގި ހަތަރު ފުޅި ދިޔާހަކުރު ކަމަށް ބުނެފަ އެވެ.

ނަމަވެސް މާރުކޭޓުގެ 154 ނަމްބަރު ގޮޅި ބަލަހައްޓާ މީހާ ހަތަރު ފުޅި ދިޔާހަކުރު ގެއްލިގެން ރިޕޯޓުކޮށްފައިވާކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ހައްޔަރު އަދި ބަންދުގެ ރެކޯޑު އޮތް ފަރާތެކެވެ.