Last Updated: October 18, 17:26
Friday, October 18, 2024
ދުނިޔެ

ލުބްނާނުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު

އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާއި ގުޅިގެން ހޮސްޕިޓަލުތަކުގެ ހިދުމަތް މެދުކެނޑި، ލުބްނާނުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ލުބްނާނަށް ކަނޑައަޅާފައި ހުންނަ ޑަބްލިއުއެޗްއޯގެ ޑެޕިއުޓީ އިންސިޑެންޓް މެނޭޖަރު، އިއާން ކްލާކް ވިދާޅުވީ ހެޕަޓައިޓިސް އޭ އާއި ޑައިރިއާ ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ އިތުރުން ވެކްސިންގެ ޒަރިއްޔާ އިން ރައްކާތެރިކަން ހޯދޭނެ ބަލިތައް ލުބްނާނުގައި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ ހަމަލާތަކާ ގުޅިގެން ލުބްނާނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ހޮސްޕިޓަލުތައް ބަންދުކުރަން ޖެހުމާއި ސިއްހީ ހިދުމަތްތެރިން މަދުވުން ކަމަށް ކްލާކް ވިދާޅުވި އެވެ.

އިޒްރޭލުން ލުބްނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންދާއިރު، އެގައުމުން އަންނަނީ ލުބްނާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 37 ތަނެއް ބަންދުކޮށްފައިވާއިރު، ސިއްހީ ހިދުމަތްދޭ ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ލުބްނާނުގެ 1.2 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.