Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

ކޭޝްކާޑުގެ މައުލޫމާތު ގޮތް ނޭނގޭ މީހުންނަށް ނުދީ

ކޭޝްކާޑާއި އޯޓީޕީ ކޯޑު ފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ މީހަކާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން މިކަމަށް އެދުނީ ތަފާތުއެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމާއި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ، މާރުކޭޓު ސަރަހައްދާއި ނޯތު ހާބަރުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

މި ހަރަކާތުގައި، މާރުކޭޓު ގޮޅިތަކާއި އެ ސަރަހައްދުގެ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ވިޔަފާރިކުރަންދާ މީހުންގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާ މީހުން އަދި އޮޑިދޯނިފަހަރުގެ މީހުންނާ ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެ އެވެ.

އެގޮތުން، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި އަދި ކޭޝްކާޑާއި އޯޓީޕީ ކޯޑުފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން، އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީފައިވެ އެވެ. އަދި އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މީހުން ހަވާލުކުރާ ގޮތްނޭނގޭ އެއްޗެހީގައި ނުހިފުމަށާއި ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެ ސަރަހައްދު ބޭނުންކުރުމުގައި ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ.