Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

ގައުމަށް ދެރައެއް ލިބޭނެ ކަމެއް ރައީސް ނުކުރައްވާނެ

ގައުމަށް ދެރައެއް ލިބޭނެ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތަކާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ ޤައުމަށް ދެރައެެއް ލިބޭނެ އެއްވެސް ކަމެއް ރައީސް މުޢިއްޒު ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

"ރައީސް މުއިއްޒުގެ ޒަޢާމަތުގައި ދިވެހީންގެ ރާއްޖެ ބަނދަރު ކުރާނީ އަމާން ބަނދަރަކަށް. އެ އިތުބާރު އެބައޮތް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އިދިކޮޅުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހާރިޖީ ކަންކަން ގޮސްފައި ހުރި ގޮތަށް މި ސަރުކާރުގައި ވެސް ކަންކަން ދާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫން ކަމަށެވެ. އެންމެ މުހިއްމީ ރާއްޖޭގެ މިނިވަންކަން ކަމަށާއި ރާއްޖޭގެ ކަންތައްތައް އެހެން ގައުމެއްގެ އަތްމައްޗަށް ދެން ދޫކޮށްނުލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވި "ވިޝަން ޑޮކިއުމަންޓް" ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާނެ ވާހަކަތަކެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެފުށް ފެންނަކޮށް ހިންގާ ސަރުކާރެއް. ފެންނަން އޮންނަ އެއްޗެއް މި ވިޝަން ޑޮކިއުމަންޓަކީ، ބައްލަވާލައްވާ. އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ ދުވަހު އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.