ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަން އަންގައި ދިނުމާއި މިހާރުގެ ސަރުކާރުގެ އެ ނިޒާމު ހަލާކުކޮށްލަން އުޅޭ ކަމަށް ބުނެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ގެ ނަމުގައި ބާއްވަން ނިންމި ސިލްސިލާ ކޮންފަރެންސްގެ ފުރަތަމަ ކޮންފަރެންސް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.
އެ ކޮންފަރެންސަށް އެ ސިޓީ އަށް ވަޑައިގެންނެވި ޕާޓީގެ އިސް ބޭފުޅުންގެ ތެރޭގައި ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޕާޓީގެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ ކައުންސިލަރު އާދަމް އާޒިމާއި ފުވައްމުލަކު ކައުންސިކް އިސްމާއީ ރަފީގުގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނިވަޑައިގަނެ އެވެ.
އެ ޓީމް ކުޅުދުއްފުއްޓަށް ވަޑައިގަތީ އިއްޔެ އެވެ.
އެމްޑީޕީން ބުނީ މިއަދުގެ ކޮންފަރެންސްގައި ދެ މައުލޫޟޫކަށް މަޝްވަރާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމަށް މި ވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ހާލަތެވެ. މި ދެ ދާއިރާ އިން މަޝްވަރާތަތަކެއްކޮށް، ހިޔާލުތައް ބަދަލުކޮށް، އިގުރާރުވާ ކަންކަން ޕާޓީން ހާމަ ވެސް ކުރާނެ އެވެ.
ކުޅުދުއްފުށީގައި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފެށީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ މެންބަރުންނާ އެކީގަ އެވެ. އެގޮތުން ހއ، ހދ އަދި ށ. އަތޮޅުން ޖުމްލަ 80 މީހުން ބައިވެރިވެ އެވެ.
އެމްޑީޕީން ބުނީ މި ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށެވެ.
"ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.