Last Updated: November 25, 17:58
Monday, November 25, 2024
މުނިފޫހިފިލުވުން

'ގަދަރު 2' އަށް ފަހު އަނިލްގެ 'ވަންވާސް'

ޑައިރެކްޓަރު އަނިލްގެ ދަރިފުޅު އުތުކާޝް.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސަނީ ޑިއޯލްގެ "ގަދަރު 2" އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ ދެން ގެނެސްދޭ ފިލްމަކީ "ވަންވާސް" ކަން މިއަދު އިއުލާންކޮށްފި އެވެ.

ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާފައިވާ ފިލްމުގެ މޯޝަން ޕޯސްޓަރެއް މިއަދު ދައްކާލައި ބުނީ ވަރަށް އަވަހަށް ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށެވެ.

މި އަހަރުގެ މެދުތެރޭގައި ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ވަންވާސް" އަކީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ގުޅުން ދައްކުވައި ދޭނެ އެއްޗެކެވެ. މި ފިލްމުގެ މައިގަނޑު ތަރިންނަކީ ނާނާ ޕަޓޭކަރާއި އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ އެވެ.

"ގަދަރު 2" ގައި ވެސް އުތުކާޝް މުހިއްމު ރޯލެއް ކުޅެފައިވާ އިރު، އެ ފިލްމުގައި އޭނަ އަކީ ސަނީ އާއި އަމީޝާ ޕަޓޭލްގެ ދަރިއެކެވެ. 2001 ގައި ރިލީޒްކުރި "ގަދަރު" ގައި ވެސް އުތުކާޝް ހިމެނެ އެވެ. މިހާރު އުމުރުން 30 އަހަރުގެ އެކްޓަރު އެ ފިލްމުން ފެނުނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި "ގަދަރު 2" ބޮކްސް އޮފީހުގައި 691.08 ރުޕީސް 82.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 60 ކްރޯޑް ރުޕީސް 7.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.