Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

މާފުށީގެ ޓާގެޓަކީ ދެން 300،000 ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ކ. މާފުއްފުއްޓަށް އައި ޓޫރިސްޓުންގެ އަދަދު 140،000 އާ ގާތްކޮށްފައިވާ އިރު، އަންނަ އަހަރުގެ 300،000 ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި ރަސްކަން ކުރާ މާފުށީ ކައުންސިލުން ބުނީ މިދިިޔަ މަހުގެ ނިޔަލަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 135،000 އަށް ވުރެ ގިނަ ކަމަށެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 10 ޕަސެންޓެވެ.

މި އަހަރަކީ މާފުއްޓަށް ލޯކަލް ޓޫރިޒަމް ތައާރަފުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އަހަރު ވެސް މެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މާފުށީގައި ޓޫރިޒަމް ޕްރޮމޯޓްކުރަން ކައުންސިލާއި ރަށުގެ ގެސްޓްހައުސްތަކުން ވެސް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން އަހަރުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، އަންނަ އަހަރުގެ ޓާގެޓަކަށް ހަދާފައި ވަނީ 300،000 ޓޫރިސްޓުން ގެންނަން ކަމަށެވެ.

ކައުންސިލުން ބުނީ މިހާރު ޓޫރިސްޓުން އަންނަ ނިސްބަތަށް ބަލާ އިރު، އަހަރު ނިމުމުގެ ކުރިން މާފުއްޓަށް މަދުވެގެން 200،00 ޓޫރިސްޓުން އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މާފުށީ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ މަގުބޫލީ ކާނީ ހޮޓެލްސްގެ ތަންތަނެވެ. އެގޮތުން އެތަނުގެ ގެސްޓްހައުސްތަކަށް މިދޮޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 31،230 އަށް އަރަ އެވެ. ދެވަނަގައި އޮތީ 29،474 ޓޫރިސްޓުންނާ އެކީ އެރީނާ ހޮޓެލްސް އެވެ. ތިން ވަނަގައި އޮތީ ޓްރައިޓަން އެވެ. އެއީ 13،976 ޓޫރިސްޓުންނާ އެކީގަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އަމާޒަކީ 2 މިލިއަން ހަމަކުރުމެވެ.