ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯއްދަވަން ހެއްދެވި ހެދި ދޮގުތަކާއި ފިތުނައިގެ ސަބަބުން ގެއްލުންވީ ރާއްޖެއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ކުޅުދުއްފުށީގައި ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަން ހޯދުމަށްޓަކައި މި ސަރުކާރުން ހެދި ދޮގާއި ފިތުނައިގެ ސަބަބުން ރާއްޖެ އަށް ލިބުނު ބޮޑެތި ގެއްލުންތަކަށް މި ސަރުކާރު ޒިންމާ ކުރުވަން ޖެހޭ ކަމަށެވެ.
"މިއަދު އެދަނީ އެކަން ސާފުވަމުން،" އިބޫ ވިދާޅުވި އެވެ. "އެ ބޭފުޅުން ވެރިކަމަށް އައުމަށް ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެ ދަނީ ހާމަވަމުން."
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ދައްކާ ވާހަކަ ގަބޫލު ވެސް ކުރާ ބައެއް ނޫން ކަމަށާއި ކަންކަން ކުރަނީ ހިތުހުރި ގޮތަކަށް ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ކަމަށެވެ.
“ޚުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ.” އިބޫ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފެށީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ މެންބަރުންނާ އެކީގަ އެވެ. އެގޮތުން ހއ، ހދ އަދި ށ. އަތޮޅުން ޖުމްލަ 80 މީހުން ބައިވެރިވެ އެވެ.