Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

މިއީ އަނިޔާވެރި ފިކުރުގެ ސަރުކާރެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ވެރިކަމުގައި މިއަދު އޮތީ އަނިޔާވެރި ފިކުރުގެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ފެށި ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރާއްޖޭގައި މިއޮތީ ދެ ފިކުރު ކަމަށާއި އެއީ މިނިވަންކަމުގެ ފިކުރާއި އަޅުވެތިކަމުގެ ފިކުރު ކަމަށެވެ.

"ލާމަރުކަޒީ ފިކުރާއި މަރުކަޒުކޮށް ބާރުތައް އެއްތަންކުރުމުގެ ފިކުރު. އެކުވެރިކުރުމާއި އެއްބައިވަންތަކުރުމުގެ ފިކުރާއި ފިތުނަކުރުމާއި ނަފުރަތުކުރުމާއި ގަނޑުބަނޑުކުރުމުގެ ފިކުރު. ތެދުވެރިކަމާއި ހާމަކުރުމުގެ ފިކުރާއި ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ފިކުރު،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މީގެތެރެއިން އެމްޑީޕީގެ ފިކުރަކީ މިނިވަންކަމާއި ލާމަރުކަޒީ ކުރުމުގެ ފިކުރު ކަމަށާއި އެކަން ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެމްޑީޕީގެ ވާދަވެރިންގެ އޮތީ ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފުރަތު އުފެއްދުމާއި އަޅުވެތިކުރުމާއި ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެގަތުމުގެ ފިކުރާއި އަނިޔާވެރިކަމުގެ ފިކުރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކަން މިއަދު ދިމާވި ގޮތުން ރާއްޖޭގެ ވެރިކަމަށް އައިސްފައި މިއޮތީ މީގެތެރެއިން އަނިޔާވެރިކަމުގެ ފިކުރު. އޮޅުވާލުމުގެ ފިކުރު. މަކަރުގެ ފިކުރު. ނަފްރަތުގެ ފިކުރު. ކަންކަން ނެތިކޮށްލުމުގެ ފިކުރު،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ އަކި ދެގޮތެއް ނުވެ އެ ޕާޓީގެ ފިކުރު ކުރިއަށް ނެރުމުގައި ދެމިތިބޭނެ ޕާޓީއެއް ކަމަށާއި މި ހާލަތުގައި ރާއްޖެ އޮތް ނަމަވެސް އެމްޑީޕީ އޮތީ ފަސްޖެހުމެއް ނެތި ސާބިތުކަމާއެކު ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.