އިދިކޮޅުގައި ތިބޭއިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ވެސް ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ފެށި ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީގެ ހިންގުމަށް އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން މާލީ ފުދުންތެރިކަން އިތުރުކުރަން ފަށާ މަސައްކަތް ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ. ވެރިކަމުގައި ޕާޓީ އޮންނައިރު ވަރަށް ފަސޭހައިން މީހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ނަމަވެސް އިދިކޮޅުގައި އޮންނައިރު އެކަން މުޅިން ބަދަލުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އެހެންނަމަވެސް އިދިކޮޅުގައި ތިބޭއިރުގައި ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ. ބިރުވެރިކަމުގެ ތެރެއަށް ވެސް ވަންނަނީ. ސަރުކާރުގެ ނުފޫޒު ހާއްސަކޮށް ޑީއާރްޕީން ފެށިގެން. ޑީއާރުޕީ ކަމަށްވިޔަސް ޕީޕީއެމް ކަމަށްވިޔަސް ޕީއެންސީ ކަމަށްވިޔަސް ،ވެރިކަމަށް އަތުވެއްޖެއްޔާ އެ ބިރުވެރިކަން އާންމުންގެ ތެރޭގައި އެބަ ފަތުރާ. ވިޔަފާރިވެރިންނަށްވެސް އެ ބިރު އެބަ ދައްކާ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އިދިކޮޅުގައި އޮންނަ ޕާޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން އޮންނަނީ ބިރުވެރިކަމަކަށް ވެފައި ކަމަށާއި އޭގެ ސަބަބުން އިދިކޮޅުގައި އޮންނައިރު އިންތިހާބުތަކަށް ކުރިމަތިލާއިރު ކުރަންޖެހޭ ހަރަދާއި، ޕާޓީ ހިންގުމަށް ކުރަންޖެހޭ ހަރަދު އޮންނަނީ ދަތި އުނދަގޫ ކަމަކަށް ވެފައި ކަމަށެވެ.
އެމްޑީޕީ އަށް އާމްދަނީ ހޯދުމަށް ފަށާ މަސައްކަތަކީ ވަރަށް ރަނގަޅު ކަމެއް ކަަމަށާއި އެ މަސައްކަތުން ހެޔޮ ބަދަލު އަންނާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އާމްދަނީ ހޯދުމުގެ ގޮތުން އެމްޑީޕީން ވިޔަފާރީއެއް ފެށުމަށް ދާދިފަހުން ވަނީ ނިންމާފަ އެވެ.