Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

ލ. އަތޮޅުގެ ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ދީފި

ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަށާފައިވާ މަޝްރޫޢު "އެންދެރި ޕްރޮޖެކްޓް"ގެ ދަށުން ލ. އަތޮޅުގެ ތިން ޖަމިއްޔާ އަކަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދީފި އެވެ.

މި ޖަމިއްޔާތަކަށް އެހީ ހަވާލުކޮށްދިނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތޯރިގު އިބްރާހިމް އެވެ.

ތޯރިގު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ދިނުމުގެ އިތުރުން ލ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވެސް 6 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.

މި އެހީގެ ސަބަބުން ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރައްކާތެރިކޮށް ބަލަހައްޓާ ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށާއި ލޯކަލް ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

އެންދެރި ޕްރެޖްކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ މާޙައުލުގެ އެކައުންޓްސް ޤައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމާއެކު އެ އެކައުންޓްސްގެ ބޭނުންކޮށްގެން ފަރުތަކުގެ މާޙައުލާއި، ގުޅިފައިވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދަމަހައްޓައި، މާޙައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއްހޯދައި އެފަދަ ގޮތްތައް ނަކަލުކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓެކެވެ.