Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ދަތިކަމެއް ނެތް، ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

މާލޭ ސިޓީ ކައުންސިލް ހިންގުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ކައުންސިލްގެ ފަރާތުން ބުނާ ހުރިހާ ކަމެއް ވެސް ސަރުކާރުން ކޮށްދެމުންދާ ކަމަށާއި ދަތި ކަމެއް އަދި މިހާތަނަށް ނެތް ކަމަށެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ 15 ކޮންސަލްޓެންޓުން ނަގައިގެން، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން އެތިބީ ވެސް [ކޮންސަލްޓަންޓުންގެ ގޮތުގައި]. އެކަކު ނޫނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ އެންމެންނާއި ގުޅިގެން މާލެ އަށް ކަންކަން ކޮށްދެވޭތޯ ކަމަށާއި އެމްޑީޕީގެ މޭޔަރަކަށް ހުރެ ކަމެއް ނުކުރެވިއްޖެނަމަ އެކަމުގެ ބަދުނާމު ސީދާ ޕާޓީގެ ބޮލުގައި ވެސް އަޅުވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އާސަހަރާގެ މަސައްކަތް ވެސް ނިމި، ބުޅާ ފެސިލިޓީގެ މަސައްކަތްތައް ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާއި މިނިސްޓްރީތަކުގެ ފަރާތުން އެއްބާރުލުން ލިބެމުންދިޔުން ކަމަށްވެސް ވިދާޅުވެފަ އެވެ.