އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު އޮތީ ވަރަށް ގާތުގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވެފައިވާ އެމްޑީޕީ އަށް ނިސްބަތްވާ އެންމެ ގިނަ ބަޔަކީ ކައުންސިލަރުން ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ އަޑު އިއްވާލުމުގެ ގާބިލުކަން މިއަދު އެބައޮތް ކަމަށެވެ.
"އެ އަޑާއި ޕާޓީގެ މައި ގުނަވަންތަކާއި މިހާރު މިއޮތީ ގުޅި ލާމެހިފައި. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން މާޔޫސްވާނެ ކަމެއް ނެތް. ވަރުގަދަ ހިތްވަރާއި އަޒުމުގައި ކުރިއަށްދާންވީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިވަގުތު ކަންބޮޑުވާންޖެހޭ އޮތީ އެންމެ ކަމެއް ކަމަށާއި އެއީ މިހާރު މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ސާފުކޮށްދިނުމުގައި ފަހަތަށް ޖެހިދާނެތީ ކަމަށެވެ. ކައުންސިލަރުންނަކީ ސީދާ ރައްޔިތުންނާއި ގުޅޭ ބައެއް ކަމަށާއި ގޭގެއަށް ވަދެ ރައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް ކިޔައިދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕާއި ވެސް ހިއްސާކުރަމުން ދިޔުމަށް ޝާހިދު ގޮވާލި އެވެ.
"އަޅުގަނޑުމެން އެންމެ ގުޅިން މި މަސައްކަތްކޮށްފިނަމަ، އަޅުގަނޑަށް ފެންނަ ތަނުގައި ކާމިޔާބު އޮތީ ވަރަށް ގާތުގައި. މި މަސައްކަތް ކުރެވޭނީ ގުޅިގެން. އެކަން ގަބޫލުކުރާތީ މި ސިލްސިލާ ބައްދަލުވުންތައް މުޅި ރާއްޖޭގައި މި ފަށަނީ،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސަކީ ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަން އަންގައި ދިނުމާއި މިހާރުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާއި މެދު ކައުންސިލަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ކޮންފަރެންސެކެވެ.