Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

ޤުދުރަތީ ވަޞީލަތްތައް ވަޒަންކުރުން މުޅި ރާއްޖޭގައި ފަށަނީ

ލ. އަތޮޅުގެ ޤުދުރަތީ ވަސީލަތްތައް ވަޒަން ކުރުމަށް ފަށާފައިވާ މަޝްރޫއު ނިމުމުން މުޅި ރާއްޖޭގައި ވެސް މި މަސައްކަތް ފަށާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ. ފޮނަދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޤުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަމުން މިނިސްޓްރ ވިދާޅުވީ ބޭރުގެ ގިނަ ޤައުމުތަކުގައި އެ ބައެއްގެ މުހިންމު ޤުދުރަތީ ވަޞީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަޞީލަތްތައްކަމުގައިވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާޙައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ އުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއާ އެވެ.

މިގޮތުން ލާމު އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކޮށްފަ އެވެ. މި މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި މި ކަމާއި ގުޅިގެން ކަމާބެހޭ މުއައްޞަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއު ގެ ޓީމެއް މި އަންނަ ނޮވެމްބަރު މަހުތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.