Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

ފްލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ، ރައީސް އަތް ނުބާނާނެ

މެންބަރު އިބްރާޙިމް ފަލާހު

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ ކަމަށާއި އެކަމުގެ ތެރެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަތް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ފްލެޓުތައް ޕީއެންސީގެ މެމްބަރުންނަށް ބެހުމަށް، ބައެއް މަޖިލިސް މެމްބަރުންނަށް، ކޮންމެ މެމްބަރަކު ބޭނުންވާ ކޮންމެވެސް 20 މީހެއްގެ ނަން ފޮނުވަން ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށް ބުނާ ހަބަރަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ މިއީ މިއަހަރު ހެދި އެންމެ ބޮޑު ދޮގު ކަމަށާއި ރައީސް މުއިއްޒު އެއްގޮތަކަށް ވެސް ގޯއްޗާއި ފްލެޓްގެ ކަންކަމުގެ ތެރެއަށް އަތް ނުބާނާނެ ކަމަށެވެ. އެގޮތުން ރައީސް ރަނުން ރަނަށް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ގޯއްޗާއި ފްލެޓް އޭގެ ހައްގުވެރިންނަށް ހަވާލުކުރައްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރަކު ވެސް ގޯހެއް ނުހައްދަވާނެ،" ފަލާހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ. މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

"ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް އަންނަނީ އިމާރާތް ކުރަމުން އަންނައިރު، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފަ އެވެ.

އޭސީސީން ބުނީ ކުރީ ސަރުކާރުން ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.