އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިް އެންޓަޓައިންމަންޓްގެ "ބިބީ" މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި އަޅުވަން ހަމަޖެހިއްޖެ އެވެ.
އެ ސްޓޫޑިއޯ އިން ބުނީ އަތޮޅުތަކަށް "ބިބީ" ކުރާ ފުރަތަމަ ޕްރީމިއާގައި ފިލްމުގެ ލީޑް އެކްޓަރު ޝަރަފު އަބްދުﷲ ބައިވެރިވާނެ ކަމަށެވެ. ތިނަދޫގައި އަޅުވާ ޝޯގެ ޓިކެޓަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރި "ބިބީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ އަކީ ޝަރަފްގެ އަންހެނުންނެވެ.
ހޮރޯ-ކޮމެޑީއެެއްގެ ގޮތުގައި ގެނެސްދިން "ބިބީ" ގެ ބަތަލާ އަކީ ޑާކް ރެއިންގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ މަރިޔަމް މަޖުޖާ މަޖޫ) އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ބިބީ" އަކީ މި އަހަރު އޮލިމްހަށް ގެނައި 10 ވަނަ ފިލްމެވެ. މި ފިލްމުގެ ޝޯތައް އޮޮލިމްޕަހުގައި މި މަހުގެ 28 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
"ބިބީ" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދިން ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޝަރަފާ އެކީ މާޗްގައި ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.