ބެލްޖިއަމްގައި ބޭއްވި"ޔޫރަޕް-އެފްރިކާ އިންވެސްޓްމަންޓް ފޯރަމް" ގެ 14 ވަނަ އެޑިޝަންގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ 4 ގައި ކްރެޑެސާނޯޑްސުޑް އެންޖީއޯ އިން އިންތިޒާމްކޮށްގެން ބްރަސަލްސްގައި ބޭއްވި ފޯރަމްގައި ރާއްޖެ ތަމްސީލުކުރީ ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަމަށެވެ.
މި އަހަރުގެ ފޯރަމުގައި އޭޝިއާގެ ބައެއް އެހެން ގައުމުތަކުން ވެސްބައިވެރިވެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިތުރުން މިޔަންމާ އާއި ވިއެޓްނާމް އިން އެ ޤައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް މި ފޯރަމުގެ ބައިވެރިންނަށް ހުށަހަޅާ ދީފައިވެ އެވެ.
"ޔޫރަޕް-އެފްރިކާ އިިންވެސްޓްމަންޓް ފޯރަމް" އަކީ ބެލްޖިއަމް/ޔޫރަޕިއަން-އެފްރިކާގެ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް އިޤްތިޞާދު ފުޅާކުރުމަށާއި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ މަޝްވަރާކު ރެވޭނެ މާހައުލެކެވެ.
ފޯރަމްގައި ދިވެހިރާއްޖޭން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރު، ސަފީރު ޤީލާ އަލީ ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ދާއިރާތަކާއި ބެހޭ މައުލޫމާތު ދެއްވާފައިވެ އެވެ. އަދި އިންވެސްޓް މޯލްޑިވްސް އިން ހިއްސާކުރައްވާފައިވާ ވީޑިއޯ ޕްރެސެންޓޭޝަންއެއް ވެސް ހުށައަޅުއްވާ ދެއްވިއެވެ.
މި ފޯރަމްގެ ބައިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތު ކަރުދާހެއް ވެސް ހިއްސާކޮށްފައިވެ އެވެ.