އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިގާބާ ބެހޭ ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނު އެއްކޮށްލުމަކީ ވިސްނުމެއް ކަމަށެވެ.
ފުވާދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ ހުރިހާ ގާނޫނެއް މުތާލިއާ ކުރުމަށް ފަހު، އެ ހުރިހާ ގާނޫނުތަކެއް އެއްކޮށްލަން ކޮމިޝަންގެ މެންބަރުންނާއި ގާނޫނީ ޓީމާއެކު މަޝްވަރާތަކެއް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވީ އިންތިހާބުތަކާ ބެހޭ
ގާނޫނުތައް ވަކިން ހުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވެސް ބައެއް ކަންކަން އޮޅުން އަރާ ކަމަށެވެ. އެހެންވެ އެއް ގާނޫނަކުން ހުރިހާ ކަމެއް ފެންނަން ހުރުމުން އެއް ހަމައަކުން ކަންކަން ކުރުމަށް އީސީ އަށް ވެސް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ދައުރެއްގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރަކީ އިންތިޚާބުތައް އޮންނަ އަހަރުތަކެއް. އެ ތިން އަހަރުގައި އިންތިޚާބުތަކުގެ މަސައްކަތްތައް މި ކުރަނީ،" ފުވާދު ވިދާޅުވި އެވެ. "ދެން އޮންނަ ދެ އަހަރު މި ކުރަން ޖެހެނީ ގާނޫނުތަކާއި ސްޓާފުން ތަމްރީންކުރުމުގެ މަސައްކަތް."
އޭނަ ވިދާޅުވީ 2026 ވަނަ އަހަރު ބާއްވަންޖެ ހޭ އިންތިޚާބުތަކުގެ ކުރިން މިހާރު ހުރި ގާނޫނުތަކަށް އިސްލާހެއް ގެންނަން ޖެހޭ ނަމަ އެކަންކޮށް، އަލަށް ގާނޫނެއް ހަދަން ޖެހޭ ނަމަ އެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
ގާނޫނުތައް އެއްކޮށްލުމުގެ ވިސްނުމާ އެކީ އީސީން މިހާރު ބައެއް ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރަން މިހާރު އޮތީ ހުށަހަޅައިފަ އެވެ.