މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
އެތަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މުދަލު ޒަކާތަށް ލިބުނު އަދަދަށް ވުރެ ހަތަރު ގުނަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މުދަލު ޒަކާތަށް ލިބުނީ 2.8 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މަހު 8.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހާ ހަމައަށް މުދަލު ޒަކާތަށް ޖުމްލަ 82.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި މުދަލުގެ ޒަކާތަށް ލިބުނީ 70 މިލިއަން ރުފިޔާ އެވެ.
މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 9،353.40ރ. އެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ މެއި މަހު އެވެ.
މުދަލު ޒަކާތް ނެރެން ޖެހެނީމުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.
ނަމަވެސް މުދަލުގެ ޒަކާތް ދައްކާ މީހުންގެ ނިސްބަތް މަދުކަން ޒަކާތު ހައުސް އިން ފާހަގަކުރެ އެވެ. އެހެންވެ ޒަކާތަށް ހޭލުންތެރި ކުރުވަން ގިނަ ޕްރޮގްރާމްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.