Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

ހުޅުމާލެ އިން އިތުރު 18 ބިމެއް ވިއްކަނީ

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، 18 ބިމުގެ ތެރެއިން 16 ބިން ދޫކުރާނީ ބީޗު ސައިޑުން ކަމަށާއި ބާކީ ބިންތައް ދޫކުރާނީ ބީޗު ފްރަންޓުން ކަމަށެވެ.

އެ ބިންތަކުގެ ތެރޭގައިި ހިމެނެނީ 1،316 އަކަފޫޓުގެ 15 ބިމަކާއި 1،454 އަކަފޫޓުގެ ބިމަކާއި 1،261 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،584 އަކަފޫޓުގެ ބިމެކެވެ.

އެޗްޑީސީން ބުނީ އެ ބިންތަކުގެ ތެރެއިން ބީޗް ސައިޑުން ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،000 ރުފިޔާ ކަމަށާއި ބީޗު ފްރަންޓުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،500 ކަމަށެވެ. އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނާއި 100 ޕަސަންޓު ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

އެޗްޑީސީ އިން ވަނީ މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހު 16 ބިމާއި މިދިޔަ މެއި މަހު 13 ބިން ހުޅުމާލެ އިން ވިއްކަން ހުޅުވާލާފަ އެވެ.