އައްޑޫ ސިޓީ ހިތަދޫގައި ތާރު އަޅައި ނިމިފައިވާ މަގުތައް އަލުން ކޮންނަން ފަށައިފި އެވެ.
މަގުތައް އަލުން ކޮންނަން ފަށާފައިވަނީ ބައެއް ފެންހޮޅިތައް ފަޅައިގެންގޮސް ލީކުވަމުންދާތީ އާއި ކަރަންޓް ކެނޑުމުގެ މައްސަލަތަކާއި ގުޅިގެންނެވެ.
އައްޑޫގައި ތާރު އަޅައި ނިމިފައިވާ މަގުތައް ދޭތެރެ ދޭތެރެއިން ކޮންނަމުންދާތީ އެކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް އަންނަނީ ކުރަމުންނެވެ.
ހިތަދޫގައި ތާރު އަޅާފައިވާ ގާތްގަނޑަކަށް 80 ޕަސެންޓް މަގުތަކުގެ ތާރު އަލުން ކަނޑަން ތައްޔާރުވަމުންދާ ކަމަށް، މޭޔަރު އަލީ ނިޒާރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.
ނިޒާރު ވަނީ ހިތަދޫ ބޮޑުމަގުގައި ފެން ލީކުވާ ހޮޅިތައް ނެގުމަށްފަހު އާ ހޮޅި އެޅުމަށްފަހު ނޫނީ ބޮޑުމަގު ރީސާފޭސް ނުކުރަން ތަކުރާރުކޮށް އެދުނު ކަމަށާއި ރީސާފޭސް ކުރާނަމަ ލިންކްރޯޑު ހަދައިދޭން އެދުނު ކަމަށްވެސް ވިދާޅުވި އެވެ.
ނިޒާރު ވަނީ ދައުލަތުގެ ފައިސާ މިގޮތަށް ބޭކާރު ކުރާއިރު ކައުންސިލުން ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިންޑިއާގެ އެފްކޮންސް އިންފްްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު އަކީ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.