Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

ނަމާދަށް މިސްކިތަށް ދިއުމުގެ އަދަބުތައް

އޭ މުސްލިމް އަޚާ އެވެ! ނަމާދު ކުރުމަށް މިސްކިތަށް ދިޔުމަށް ޝަރުޢުވެގެންވާ އަދަބުތައް ދެނެގަތުމަކީ ހަމަކަށަވަރުން ވެސް ތިބާއަށް މުހިއްމު ކަމެކެވެ. އެއީ ނަމާދަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެނީ، ނަމާދަކީ މަތިވެރިވެގެންވާ އަޅުކަމަކަށްވުމާ އެކު، ޒީނަތްތެރިކަން ލިބިގެންވާޙާލު ނަމާދުކުރުމަށްޓަކައި ނަމާދަށް ދިޔުމުގެ ކުރިން އެކަށީގެންވާގޮތަށް ތައްޔާރުވުންވެ އެވެ.

މުސްލިމުންގެ ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ހިނގާފައިދާ އިރު ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކީ ދިޔުންވެ އެވެ. ހަމަހިމޭންކަމަކީ އަވަސް އަރައިގަތުމެއް ނެތި މެދުމިނެއްގައި ހިނގާފައި ދިޔުމެވެ. އަދި މަޑުމޮޅިކަމަކީ ހިނގާފައިދާ އިރު ބެލުންތިރިކުރުމާއި، ވާހަކަ ދައްކާއިރު އަޑު މަޑުކުރުމެވެ.

ބުޚާރީއާއި މުސްލިމުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވި އެވެ. “ނަމާދަށް ޤަމަތްދީފިނަމަ (އެހެން ރިވާޔަތެއްގައިވެއެވެ. ޤަމަތްދޭ އަޑު އިވިއްޖެނަމަ) ހިނގާފައިދާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް (ހިނގުމުގައި) ހަމަހިމޭންވުންވެއެވެ. (ނަމާދުން) ލިބުނު މިންވަރެއް ކުރާށެވެ. އަދި ފާއިތުވިބައި ފުރިހަމަ ކުރާށެވެ.” (ބުޚާރީ: 636، މުސްލިމް: 602) މުސްލިމްގައި ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރުމަށް ނިޔަތްގެންފިކަމުގައިވާނަމަ އެމީހާ އެވަނީ ނަމާދުގެ ތެރޭގައެވެ.” (މުސްލިމް: 602)

އޭ މުސްލިމް އަޚާއެވެ! ޙަރަމް ބަން ތަކުބީރު ލިބިގަތުމަށްޓަކައި މިސްކިތައް އަވަހަށް ދިޔުން ތިބާގެ މައްޗަށްވެއެވެ. އަދި ޖަމާޢަތު އެންމެ ކުރީ ސަފުން ތަން ހޯދުމަށްޓަކައެވެ. އަދި ތިބާ ހިނގާފައިދާއިރު ދެފިޔަޅުދެމެދު ކައިރިކުރުމަށްޓަކައެވެ. މިކަންކަމީ ތިބާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތުތަކެކެވެ. ބުޚާރީއާއި މުސްލިމުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކުރިއިރު ވުޟޫކުރަންޖެހޭ ފުރިހަމަގޮތަށް ވުޟޫކޮށްގެން ނިކުމެއްޖެކަމުގައިވާނަމަ، އޭނަ އަޅާ ކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުލި، ފާފައެއް ފުއްސެވޭ ގޮތުގައި މެނުވީ އޭނާ ފިޔަވަޅެއްނާޅައެވެ.” (ބުޚާރީ: 647، މުސްލިމް: 649)

ތިބާ މިސްކިތުގެ ދޮރާ ހަމައަށް ފޯރައްޖެކަމުގައިވާނަމަ، ވަނުމަށްޓަކައި ކަނާތުފައި އިސްކުރާށެވެ. އަދި ކިޔާށެވެ. ((بِسْمِ اللهِ، وَالسَّلاَمُ عَلَى رَسُولِ اللهِ ، اللَّهُمَّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ رَحْمَتِكَ)) މާނައީ: “ﷲގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ. އަދި ﷲގެ ރަސޫލާއަށް ސަލާމް ހުއްޓެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ! އަދި މިއަޅާއަށްޓަކައި ރަޙްމަތުގެ ދޮރުތައް ހުޅުއްވާނދޭވެ!”

އަދި މިސްކިތުން ނުކުންނަމުން ވާތުފައި އިސްކުރާށެވެ. އަދި ކުރިންކީ ދުޢާކިޔާށެވެ. އެދުޢާގައިވާ((وَافْتَحْ لِي أَبْوَابَ رَحْمَتِكَ)) ގެ ބަދަލުގައި ((وَافْتَحْ لِي أَبْوَابَ فَضْلِكَ)) ކިޔާށެވެ. އެހެނީ، މިސްކިތަކީ ރަޙުމަތުގެ ތަނެކެވެ. އަދި މިސްކިތުން ބޭރަކީ ރިޒުޤު ހޯދުމުގެ ތަނެވެ. އަހަރެމެންނަށް ރިޒުޤުތައް ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލަވަންތަވެރިކަމުންނެވެ.

ތިބާ މިސްކިތައް ވަދެއްޖެކަމުގައިވާނަމަ، ތަޙިއްޔަތުލްމަސްޖިދުގެ ދެ ރަކުޢަތްކޮށްފައި މެނުވީ ނީށިންނާށެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّىَ رَكْعَتَيْنِ)) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެކަމުގައިވާނަމަ، ދެ ރަކުޢަތް ކޮށްފައި މެނުވީ ނީށިންނާށެވެ.” (ބުޚާރީ: 1163)

އޭގެ ފަހުގައި ނަމާދަށް އިންތިޒާރުކުރާށެވެ. އަދި އިންތިޒާރުކުރުމުގެ ޙާލަތުގައި އިންނައިރު ﷲ ގެ މަތިން ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވާށެވެ. ނަމާދަށް އިންތިޒާރުކުރަން އިންނައިރު ދުނިޔަވީ ވާހަކަތައް ދެއްކުމުން އެއްކިބާވާށެވެ. އެހެނީ، ޙަދީޘްގައި ވާރިދުވެފައިވާ ފަދައިން މިކަމުގެ ސަބަބުން އަލިފާން ދަރު އަންދާލާ ފަދައިން ހެޔޮކަންތައްތައް ފޮހެވިގެންދާނެއެވެ. އަދި އެހެން ޙަދީޘެއްގައި ވާރިދުވެފައިވާފަދައިން، އަޅަކު ނަމާދުކޮށް އަވަދިވެގެން އަނެއްނަމާދައް އިންތިޒާރުކުރުމުގައިވާނަމަ، އެމީހަކަށް ފާފަފުއްސެވުމަށް މަލާތްކަތް ބޭކަލުން ދުޢާ ކުރައްވާނެތެވެ. އޭ މުސްލިމް އަޚާއެވެ! މި ގިނަގުންވެގެންވާ ޘަވާބުތައް ގެއްލުވާ ނުލައްވާށެވެ. އަދި މިއިންތިޒާރުގެ ވަގުތުތައް ކުޅުމުގަޔާއި ބޭކާރު ވާހަކަތައް ދެއްކުމުގައި ހޭދަނުކުރާށެވެ.

ޤަމަތްދޭމީހާ قد قامت الصلاة ގޮވާލެވުމުން ނަމާދަށް ސަފުހެދުމަށް ތެދުވާށެވެ. އެހެނީ، އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުކުރެއްވިގޮތެވެ. ޤަމަތްދިނުމަށް ފެށުމާއެކީ އިމާމާ ފެނިއްޖެކަމުގައިވާނަމަ ސަފުހެދުމަށް ތެދުވުމަކުން މައްސަލައެއްނެތެވެ. ނަމަވެސް ޤަމަތްދިނުމަށް ފެށުމާއިއެކީ އިމާމްމީހާ ނުފެންނަކަމުގައިވާނަމަ، އިމާމްމީހާ ފެންނަދެން ނުތެދުވުން މޮޅުއިތުރެވެ.

އޭ މުސްލިމް އަޚާއެވެ! އެންމެ ކުރީ ސަފުން ޖާގަލިބޭތޯ ގަދަ އަޅާ މަސައްކަތްކުރާށެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ، وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ، لاَسْتَهَمُوا)) މާނައީ: “ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ދެން އެކަންކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއްނެތްނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުން ގުރުއަތުވެސްލީހެވެ.” (ބުޚާރީ: 615، 653، 2689، މުސްލިމް: 437) އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا، وَشَرُّهَا آخِرُهَا)) މާނައީ: “ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެންމެ ފުރަތަމަ ސަފެވެ. އަދި އެންމެ ހެޔޮކަން ކުޑަވެގެންވަނީ އެންމެ ފަހަތު ސަފެވެ.” (މުސްލިމް: 440) އިމާމާއާ ވީހާވެސް ކައިރިން ފުރުޞަތު ލިބޭތޯ މަސައްކަތްކުރާށެވެ. މިއީ ސަފުތައް ހެދުމުގައި ފިރިހެނުންނަށް ޚާއްޞަވެގެންވާގޮތެވެ.

އަންހެނުންނަށް އެންމެ ހެޔޮކަންބޮޑުވެގެންވަނީ އެންމެ ފަހަތު ސަފެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا، وَشَرُّهَا أَوَّلُهَا)) މާނައީ: “އަންހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ހެޔޮކަން ކުޑަވެގެންވަނީ އެންމެ ފުރަތަމަ ސަފެވެ.” (މުސްލިމް: 440) އެހެނީ، ފިރިހެނުންގެ ބެލުންތަކާއި އެންމެ ދުރުވާނެ ސަފަކަށްވާނީ އެސަފެވެ.

ސަފުތައް ތެދުކޮށް ތަރުތީބުކުރުމަކީ އިމާމްމީހާއާއި މައުމޫމުންގެ މައްޗަށްވާ ޙައްޤެކެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((سَوُّوا صُفُوفَكُمْ ؛ فَإنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ)) މާނައީ: “ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް އެއްވަރުކުރާށެވެ. ފެހެ، ހަމަކަށަވަރުން ސަފުތައް އެއްވަރުކުރުން ވަނީ ނަމާދު ފުރިހަމަވުމުގެ ތެރެއިންނެވެ.” (މުސްލިމް: 433) އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ((لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهِكُمْ)) މާނައީ: “ތިޔަބައިމީހުން، ތިޔަބައިމީހުންގެ ސަފުތައް އެއްވަރުކުރާހުށިކަމެވެ. އެހެންނޫނަމަ، ތިޔަބައިމީހުންގެ މޫނުތައް ﷲ ޚިލާފުކުރައްވަ ފާނެތެވެ. (އެބަހީ، ތިޔަބައިމީހުންގެ ހިތްތައް ބައިބައި ކުރައްވަފާނެތެވެ.)” (ބުޚާރީ: 717، މުސްލިމް: 436) ކޮނޑާއި، ފުންނާބުތައް އެއްވަރުކުރުން ވަނީ ސަފުތައް އެއްވަރުކުރުމުގެ ތެރެއިންނެވެ.

ސަފުތަކުގައިވާ ހުސްތަންތަނާއި، ނަމާދުކުރާ ދެމީހުންގެ ދެމެދުގައިވާ ހުސްތަންތަން ފުރުމަކީ މައުމޫމުންގެ މައްޗަށްވާ ޙައްޤެކެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((أَقِيمُوا صُفُوفَكُمْ وَتَرَاصُّوا)) މާނައީ: “ތިޔަބައިމީހުން، ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާށެވެ. އަދި އެކަކުއަނެކަކާ ގުޅި ލާމެހިލާށެވެ.” (ބުޚާރީ: 719، 725)

ސަފުތަކުގައިވާ ހުސްތަންތަނާއި، ނަމާދުކުރާ މައުމޫމުންގެ ދެމެދުގައިވާ ހުސްތަންތަން ފުރުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް މުހިއްމުކަމެއް ދެއްވެވިއެވެ. މިކަމުން ދަލީލިކޮށްދެނީ ސަފުތަކުގައިވާ ހުސްތަންތަން ފުރުމުގެ އަހައްމިއްޔަތާއި އެކަމުގެ ފައިދާއެވެ. އެއްވެސް ޙާލެއްގެ ގުޅިލާމެހުމުގެ މާނައަކީ މާބޮޑަށް ފިތުމުގެ ސަބަބުން ނަމާދުކުރާ މީހުންނަށް އުނދަގޫވާވަރަށް ފިތުމެއް ނޫނެވެ. ފަހެ، މުސްލިމުންގެ މައްޗަށް ވަނީ ސަފުތައް ހެދުމުގައި ފަރުވާބަހައްޓަކައި، ސަފުތައް އެއްވަރުކުރުމުގައި އަވަސްވެގަތުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމުގެ ގޮތުންނާއި، ނަމާދު ފުރިހަމަކުރުމުގެ ގޮތުންނެވެ.

ﷲސުބުޙާނަހޫ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން ލިބުމުގެ މަގަށް އަޅަމެނަށް ތައުފީޤް ދެއްވާށި!

މަސްދަރު: ދިސަލަފިއްޔާ