އަންނަ އަހަރުގެ ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒަށް ފ. އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓްވެއްޖެ އެވެ.
މި އިނާމަކީ ޔޫއޭއީގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ހަކަތަ އާއި، ފެނާއި ކާބޯތަކެއްޗާއި ސިއްހަތު އަދި ތައުލީމާ ގުޅޭ އީޖާދީ މަޝްރޫޢުތައް ފާހަގަކުރުމަށްޓަކައި ދެމުންގެން އަންނަ އެވޯޑެކެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒު، ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒަށް ނޮމިނޭޓްވުމާ ގުޅިގެން އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ އަޙްމަދު ވިދާޅުވީ މި ކާމިޔާބީ އަކީ އެ އިނާމަށް ޕްރޮޖެކްޓެއް ހުށަހަޅަން ޝައުގުވެރިވި ސަބަބެއް ކަމަށެވެ. އެގޮތުން، ސްކޫލުގެ މެނޭޖްމަންޓާއި އޭ ލެވެލް އަށް ކިޔަވާ ދަރިވަރުން ހިމެނޭހެން ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ތައްޔާރުކޮށް، ހުށަހެޅީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
ސްކޫލުން ހުށަހަޅާފައި ވަނީ އެ ސްކޫލުގައި ބޭނުންކުރާ ހަކަތަ، އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. އެކަމަށްޓަކައި ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރެވި، ކަރަންޓަށް މަހަކު ހޭދަ ކުރާ ފައިސާއިން ބޮޑު އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ފ. އޭއީސީ އިނާމަށް ނޮމިނޭޓްވެފައި ވަނީ ގްލޯބަލް ހައި ސްކޫލް ކެޓަގަރީން ދެކުނު އޭޝިއާގެ ގައުމުތައް ހިމެނޭ ސަރަހައްދުގެ 18 ސްކޫލަކާ ވާދަކޮށްގެންނެވެ.
މި ސަރަހައްދުން ދެން ނޮމިނޭޓްވީ ޕާކިސްތާނުގެ ސްކޫލަކާއި ނޭޕާލްގެ ސްކޫލެކެވެ.
މިއަހަރު މި އިނާމަށް 156 ގައުމަކުން 5،980 ޕްރޮޖެކްޓް ހުށަހަޅާފައިވާއި ރު، އޭގެ ތެރެއިން ފައިނަލިސްޓުންގެ ގޮތުގައި 33 ޕްރޮޖެކްޓް ވަނީ ހޮވައިފަ އެވެ.
މި އިނާމު ލިބޭ ފަރާތްތައް ހޮވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 14 ގައި އަބޫ ދާބީގެ ސަސްޓެއިނަބިލިޓީ ހަފުތާ ފާހަގަކުރަން ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސްކޫލުގެ ޕްރިންސިޕަލަށާއި ދެ ދަރިވަރަކަށް މިހާރު ވަނީ ދައުވަތު ވެސް ލިބިފަ އެވެ.
މީގެ ކުރިން އައްޑޫ ހިތަދޫ ހައި ސްކޫލާއި އެ އަވަށު ހިރާ ސްކޫލުން ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް ހާސިލުކޮށްފައިވެ އެވެ.