Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

ހައުސިންގެ ކުރީގެ ދެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

ނާއިފު ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު - ފޮޓޯ: ފޭސްބުކް/ނާއިފް ޝައުކަތު

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ވެރިއަކަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުރި ނާއިފް ނާއިފު ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ޙަސަން ވަޙީދުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އެވެ.

އޭސީސީން ބުނީ މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށާއި އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު" އާއި ޚިލާފަށް ކަމަށެވެ.

އެ އުޞޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައި ނުވާކަން ތަހުޤީޤަށް ހޯދާފައިވާ ހެކިތަކުން އެނގޭ ކަމަށް އޭސީސީން ބުނެ އެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުޤީޤަށް އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ ޢަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަޙުޤީޤަށް ހޯދި ހެކިޤަރީނާއިން އެނގޭ ކަމަށްވެސް އޭސީސީން ބުނެ އެވެ.