Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

ގައުމިއްޔަތު މިނިސްޓްރީ އަށް އާ ޕީއެސްއެއް

ގައުމިއްޔަތު މިނިސްޓްރީ އަށް އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

އެ ކޮމިޝަނުން ބުނީ އެ މިނިސްޓްރީގެ ޕީއެސް އަކަށް މުހައްމަދު ޔާނިއު ހާޝިމް އައްޔަން ކޮށްފައިވާ ކަމަށެވެ.

ގައުމިއްޔަތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޔާނިއު އައްޔަންކޮށްފައިމިވަނީ އެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވި އާތިކާ އިބްރާހިމާއި ގުޅޭގޮތުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސީއެސްސީ އަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އާތިކާ މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އާތިކާ އަކީ ކުރިން ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމުގައި ހުންނެވި ދުވަސްވަރުވެސް ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން ލައްވައި ބައެއް ކަންކަން ކުރުވާ މައްސަލަ ފެންމަތިވެ އޭނަ ސަސްޕެންޑް ވެސް ކުރި އެވެ.