Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ހައްޔަރު ކުރި ޝަންގްރިއްލާ މުވައްޒަފުން އެހީވާން މިއޮތީ ތައްޔާރަށް: ޓީމް

ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ރަން ފިހާރަ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މުވައްޒަފުންނަށް ގާނޫނީ ގޮތުން ދޭން ޖެހޭ ފުރުހަމަ އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތް ކަަމަށް ޓުރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.

ޓީމްގެ ރައީސް އަހްމަދު ޝިހާމް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ޝަންގްރިއްލާގެ މުވައްޒަފުން ތަކެއް ހައްޔަރު ކުރި މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް ރަސްމީ ސިފައެއްގައި އަދި މުވައްޒަފުންގެ ފަރާތުން ޓީމްއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި ރަސްމީ ސިފައެއްގައި މައްސަލަ ޓީމްއަށް ހުށަހަޅައިފިނަމަ އެކަމަށް އެހީވެދޭން ތައްޔާރަށް އޮތް ކަމަށް ޝިހާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މީޑިއާގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައި، މިކަމުގައި ބޮޑެތި ކަންބޮޑުވުން އެބަހުރި. މުވައްޒަފުންނަށް މިފަދަ ތުހުމަތުތައް ކޮށް ހައްޔަރު ކުރުމަކީ ޓީމުން ކަން ބޮޑުވުން ހުރި ކަމެއް. އަޅުގަނޑުމެން މިކަމުގައި ވެދެވެން އޮތް ފުރިހަމަ އެއްބާރުލުން ދޭނަން"

ޝިހާމް ވިދާޅުވީ ޝަންގްރިއްލާގެ ރަން ފިހާރަ ފަޅާލި މައްސަލާގައި ތަހްގީގުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ ޓީމުން އެކަން ހިގާދިޔަ ގޮތް ބަލާނެ ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް ހޯދައި ދިނުމަށް ހައްޔަރު ކުރި މުވައްޒަފުންގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް މައްސަލަ ހުށަހެޅުމުން، ގަވާއިދުގައިވާ ގޮތަށް މައްސަލައިގެ ތެރެއަށް އަޅުގަނޑުމެން ވަންނާނަން"

ޝަންގްރިއްލާގެ 5 މުވައްޒަފަކު ހައްޔަރުކޮށް ކަނޑުމަގުން މާލެ ފޮނުވާލާފައިވާ އިރު މުވައްޒަފުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގު ޙޯދައި ދިނުމަށް އުފައްދާފައިވާ ޖަމިއްޔާ ޓީމްއިން މިކަމާއި އަޅާނުލާތީ ޝަންގްރިއްލާ ރިސޯޓުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.