އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ލުބްނާނުގެ ހިޒްބުﷲ ޖަމައާތުން ދިން ވަރުގަދަ ހަމަލާއެއްގައި، އިޒްރޭލު ސިފައިންތަކެއް މަރުވެއްޖެ އެވެ.
އިޒްރޭލު އަސްކަރިއްޔާ އިން ބުނީ އެގައުމުގެ އުތުރުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ދިން މި ހަމަލާގައި ސިފައިންގެ ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި އަދި 60 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ އެ މަރުކަޒުގައި ތިބި ސިފައިން ރޭގަނޑު ކާން ތިއްބާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާގެ ޒިންމާ ހިޒްބުﷲ ޖަމާއަތުން އުފުލާފައިވާއިރު، އެ ޖަމާއަތުން ވަނީ މިއީ އިޒްރޭލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހުއްޓުމެއް ނެތި ދެމުންދާ ވައިގެ ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހު ކަމަށާއި، މި ހަމަލާ ދެވުނު ސަރަހައްދުގައި ލުބްނާނަށް ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިން އިސް އޮފިސަރުން ވެސް ހިމެނޭކަން ހިޒްބުﷲ އިން ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން ހިޒްބުﷲ އިން ވަނީ އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދެމުންދާނަމަ މިއަށް ވުރެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފަ އެވެ.
އިޒްރޭލުން ލުބްނާނަށް ކޮންމެ ދުވަހަކު ވައިގެ ގިނަ ހަމަލާތައް ދެމުންދާއިރު، މި ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 51 މީހަކު ވަނީ މަރުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތައް ލުބްނާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް އަމާޒުކުރަމުންދާއިރު، މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 37 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން އެގައުމުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ދާދިފަހުން ވަނީ ބުނެފަ އެވެ.