Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު އެނގެން ބޭނުންވޭ

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: ދިޔަރެސް

އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީނު ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު އެނގެން ރައްޔިތުން ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން މިހެން ވިދާޅުވެފައިމިވަނީ ޑޯނިއާ ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ހައިކޯޓަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އަޒާން ވިދާޅުވީ ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު އެނގެން ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާ ކަމަށާއި މިއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ މިކަހަލަ ކަންކަން ފޮރުވުމުން ކަމަށް އަޒާން ވިދާޅުވި އެވެ.

"ޑިފެންސްގެ މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރަން،" އަޒާން ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާތައް ދުއްވަމުން އަންނަނީ އިންޑިއާގެ ސިވިލް މީހުންނެވެ. ޑޯނިއާ ދުއްވަން އެމްއެންޑީއެފްގެ ދެ އޮފިސަރަކު 2021 ވަނަ އަހަރު ތަމްރީނުތައް ފުރިހަމަކޮށްފައިވީ ނަމަވެސް މިހާތަނަށް އެ އޮފިސަރުން ދުއްވަން މި އުޅަނދުތައް ދީފައެއް ނުވެ އެވެ.

ދިވެހި އޮފިސަރުން އެއްވެސް ވަރަކަށް ޑޯނިއާ ދުއްވިތޯ ސާފުކުރަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވަނީ އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަނުކުރަން ނިންމާފަ އެވެ.

މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބެލުމަށްފަހު ވަނީ އެ މައުލޫމާތު ފަސްދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގާފަ އެވެ.
ނަމަވެސް ޑިފެންސް މިނިސްޓްރީން އެ މައުލޫމަތު ނުދީ އައިކޮމްގެ ނިންމުންް ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.