ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި، ފުލުހުންގެފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ.
ސީޕީ ވަނީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށް ދެއްވައި ޖަޕާނާއި ޔޫއެންއޯޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެހީގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ހަނދާނީފިލަ އަރުވާފައިވެ އެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ފުލުހުންނަށް މީގެ ކުރިން ވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓް ކިޓް ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެ އެވެ.