ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ ހިއްސާ ގަންނަން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން މިއަދު ރިޕޯޓްކޮށްގައިވާ ގޮތުގައި ދަރުމާ ދަރުމާގެ މެޖޯރިޓީ ހިއްސާ ގަންނަން ރިލަޔަންސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިކަމާ ގުޅޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަމްބާނީގެ ކުންފުނިން ދަރުމާގެ ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައި މި ވަނީ އާރްޕީ ސަންޖީވް ގޮއެންކާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސާރޭގާމާ އިން ވެސް ދަރުމާގެ ހިއްސާ ގަންނަން ހުށަހަޅާފައި ވަނިކޮށެވެ.
މިހާރު 44 އަހަރުވެފައިވާ ދަރުމާ ޕްރޮޑަކްޝަނަކީ ކަރަންގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު އުފެއްދި ކުންފުންޏެކެވެ. މިހާރު ދަރުމާ ޕްރޮޑަކްޝަން 90.7 ޕަސެންޓް ހިއްސާ ކަރަންގެ ނަމުގައި އޮންނަ އިރު، ބާކީ 9.24 ޕަސެންޓް ހިއްސާ އަކީ އޭނަގެ މަންމަ/ޕްރޮޑިއުސަރު ހިރޫ ޖޯހަރްގެ ހިއްސާ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ދަރުމާގެ ދަށުން މިހާރު ދަރުމެޓިކް އެންޓަޓައިންމަންޓްގެ ނަމުގައި ވެބް ކޮންޓެންޓް ގޮތްޕެއް ވެސް ހިންގަ އެވެ.
ދަރުމާގެ ފުރަތަމަ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 1980 ގެ "ދޯސްތާނާ" އެވެ. އެ ސްޓޫޑިއޯގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި "އަގްނީޕަތު"، "ގުމްރާހް"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "ކަލް ހޯ ނަ ހޯ"، "ޔަ ޖަވާނީ ހޭ ދީވާނީ"، "އޭ ދިލް ގެ މުޝްކިލް" އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭން ކަހާނީ" ހިމެނެ އެވެ.
ދަރުމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ޖިގްރާ" އެވެ.