Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ރައީސް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި މަަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން ބަދަލުކުރަން، އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ. އެ ބައްދަލުވުން ބޭއްވުމަށް ނިންމީ ކޮމިޓީގެ ބައްދަލުވުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ޗީފް އޮފް ސްޓާފަކަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް އައްޔަންކޮށް، ޑިރެކްޓަރު ޖެނެރަލް ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ވަނީ އައްޔަންކޮށްފަ އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް އެނގިފައެއް ނުވެ އެވެ.