Last Updated: October 18, 13:54
Friday, October 18, 2024
ޚަބަރު

މުރައިދޫގޭ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި މަަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލު ހާމަކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މުރައިދޫ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް ހުށަހެޅީ ރާއްޖޭގެ ނޫހަކުން ކަމަށްވާއިރު، މަޖިލީހުގެ އިދާރާއިން ވަނީ އެގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރެވޭނީ 241 ކޮމިޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ބުނެފަ އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުން، އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ މުރައިދޫގޭގެ މުވައްޒަފުންގެ ވަނަވަރާއި މުސާރަ އާއި އިނާޔަތްތަކުގެ މައުލޫމާތު ހާމަކުރަން ހުށަހަޅާފަ އެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ޗީފް އޮފް ސްޓާފަކަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް އައްޔަންކޮށް، ޑިރެކްޓަރު ޖެނެރަލް ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ވަނީ އައްޔަންކޮށްފަ އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް އެނގިފައެއް ނުވެ އެވެ.