Last Updated: November 25, 16:15
Monday, November 25, 2024
ދުނިޔެ

ޓްރަމްޕަށް 'ހަމަލާ ދޭން އުޅުނު' މީހަކު ދޫކޮށްލައިފި

އަންނަ މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެެވެ.

ވެމް މިލާ ކިޔާ 49 އަހަރުގެ މީހާ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ ކެލިފޯނިއާގެ ކޯޝެލާގައި ޓްރަމްޕް ބޭއްވި ރެލީއާ ދިމާކޮށް، ރެލީ ބޭއްވި ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައި ވަނިކޮށް މިލާ ދުއްވި ކާރުގެ ތެރެއިން ހަތިޔާރުތަކެއް ފެނުމާ ގުޅިގެންނެވެ.

އޭނަ ދުއްވި އެސްޔޫވީ ސެކިއުރިޓީ ޗެކްޕޮއިންޓަކުން ހުއްޓުވައި ފާސްކުރި އިރު، ވަޒަން ބަރުކޮށްފައި އޮތް ދެ ބަޑި އޭނަގެ ކާރުގެ ތެރެއިން ފެނިފައިވެ އެވެ.

އެ މައްސަލައިގައި ކެލިފޯނިއާގެ ފުލުހުން މިލާ ހައްޔަރުކުރީ ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ހައްޔަރު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އޭނަ ދޫކޮށްލީ ޓްރަމްޕްގެ ސަޕޯޓަރެއް ކަމަށް ބުނެ އެވެ އަދި މިލާ ހަތިޔާރު ގެންގުޅުނީ ވެސް ހުއްދައާ އެކީ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސީކްރެޓް ސާވިސް އިން ބުނީ މިލާއަށް ތުހުމަތުތަކެއް ކުރެވި ހައްޔަރު ކުރި ނަމަވެސް ހޮނިހިރު ދުވަހުގެ ރެލީއާ ގުޅިގެން މިލާގެ ފަރާތުން ޓްރަމްޕަށް އެއްވެސް ނުރައްކަލެއް ނެތްކަން ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި އޭނަ ދޫކޮށްލީ އެ ސަބަބާ ހުރެ ކަމަށް ބުންޏެވެ.

ޓްރަމްޕަ އަވަހާރަކޮށްލަން ދާދި ފަހުން ދެ ހަމަލާއެއް ދީފައިވެ އެވެ. އެގޮތުން ފުރަތަމަ ހަމަލާ ދީފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕެންސިލްވީނިއާގައި ބޭއްވި ރެލީއެއްގެ ތެރޭގަ އެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަނާތު ކަންފަތް ޒަހަމްވި ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ނުވެ އެވެ.

އެ ހަމަލާގެ ފަހުން ޓްރަމްޕްގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަކޮށްފައި ވަނިކޮށް، މިދިޔަ މަހުގެ 15 ގައި ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކްލަބުގައި އޭނަ ގޮލްފް ކުޅުއްވަން ހުއްޓާ ވެސް ހަމަލާއެއް ދޭން ދޭން މީހަކު މަސައްކަތްކޮށްފައިވެ އެވެ.

ނަމަވެސް އޭގެ ކުރިން ސީކްރެޓް ސާވިސް އިން ވަނީ އެ މީހާ އަތުލައިގެންފަ އެވެ.

އަންނަ މަހުގެ 5 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ވާދަކުރައްވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.