Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓުކުރަން ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެސްއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފް އެވެ. މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

މި އެއްބަސްވުމުގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެ އެވެ. މީގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެ އެވެ.

މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިފްކޯއިން ބުނެ އެވެ.

ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ.

އެމްއެސްއެސްއާއެކު އަލަށް ފެށި މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.