Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ވޭޕް މަނާކުރުމުން ރައީސް ދެކެ މުޅި ގައުމު ފަހުރުވެރިވާނެ

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއެކު މުޅި ގައުމު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެ ފަހުރުވެރިވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ވޭޕް ކުރުން މަނާކުރުމަށްޓަކާ ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރެއްވުމަށް އެޅުއްވި ވަރަށް ހިކުމަތްތެރި އަދި އޭގެ އަގު މުޅި އުމުރަށް ދިވެހި ގައުމު ވަޒަން ކުރާނެ ނިންމެވުމެއް ކަމަށެވެ.

"ރައީސް މުއިއްޒަށްޓަކައި މުޅި ގައުމު ފަހުރުވެރިވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑަރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން ތަފާތު އެކި ޖަމިއްޔާތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.