Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އުތުރުތިލަފަޅުގައި އިންޑިއާ އިން އަސްކަރީ މަރުކަޒެއް އަޅާނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އުތުރުތިލަފަޅުގައި އިންޑިއާ އިން އަސްކަރީ މަރުކަޒެއް ދެން އަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ބާއްވާ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި މިރޭ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމާއެކު ނިންމި ނިންމުންތަކަކީ އެއްވެސް އާރެއް ބާރެއް ނެތި ނިންމި ނިންމުންތަކެއް ކަމަށެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީން ކުރާނަން ބާރެއް އާރެއް ނެތި، އެމީހުންނާ ހެސްކިޔާފައި ދިމާކޮށްފައި ގޮސްފައި، ފަސޭހަ ގޮތަކަށް އެ ވިދާޅުވާ ކަހަލަ އިސްތިގުލާލާއި ގުޅުންހުރި ކަމަކަށް ދޫނުދީއެއް އާދެވޭނެ ކަމަކަށް ލަފައެއް ނުކުރެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އުތުރުތިލަފަޅުގައި އިންޑިއާ އިން ދެން އަސްކަރީ މަރުކަޒެއް ވެސް އަޅާނެ ކަމަށާއި އުތުރުތިލަފަޅުން ޗައިނާ ކުންފުންޏަށް ދީފައި އޮތްތަން ވެސް ސަރުކާރުން ނަގާނެ ކަމަށެވެ. މި ސަރުކާރުން ވަނީ އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ފެށުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެން މިލިޓަރީސް ބޭސް ވެސް އަޅާނެ ޔޫޓީއެފްގައި. ބައްލަވައްޗޭ، ޗައިނާ ކުންފުންޏަށް ދީފައި އޮތްތަން ނަގާނެ. 100 ޕަސެންޓް ނަގާނެ،" ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ އެއްވެސް ބޭނުމެއް ނެތް ކަމެއްގައި ޖެހިގަތުމުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރި ކަމަށާއި ރައީސް މުއިއްޒަކީ އޮއްޓަރެއް ނެތް އަދި ދުނިޔޭގެ ކަންކަން ވާގޮތް ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް އިދިކޮޅުގައި ތިބިއިރު ވަނީ އުތުރުތިލަފަޅުގައި އިންޑިއާ އިން އަސްކަރީ މަރުކަޒެއް ގާއިމުކުރަން އުޅޭ ކަމުގެ ތުހުމަތުތަކެއް ކޮށްފަ އެވެ.