Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ވޭޕް އޮއިލްގެ ކެނަބިސް ޝިޕްމެންޓެއް އަތުލައިގެންފި

ރާއްޖެއަށް "ވޭޕް އޮއިލް"ގެ ނަމުގައި އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް މިރޭ އަތުލައިގެންފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި ކެނެބިސް ޝިޕްމެންޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"ސްކޫލުތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.

ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގެންފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން ނިންމަވައިފަ އެވެ.

އެގޮތުން ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.