Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ހުރިހާ މުއައްސަސާއެއްގައި ހުރީ ބިޑި އަޅުވާފައި: ޔާމީން

ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ހުރީ ޗޭނުން ބިޑި އަޅުވާފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ތަނެއްގައި ކޮރަޕްޝަން އޮތް ވާހަކަ އެންމެން ދައްކަމުންދާ ކަމަށާއި ކޮރަޕްޝަންގެ ކަންކަން ވެސް ކުރަމުން ދަނީ ވާދައަށް ކަމަށެވެ. ނަމަވެސް މީގެއިން އެއްވެސް ކަމެއް ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާ ކަމަށާއި އަދި ފުލުހުން ވެސް އަމިއްލަ އިސް ނެގުމަށް އެއްވެސް ކަމެއް ނުބަލާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލަކަށް ހުންނެވި ބޭފުޅަކަށް މިއިން ކަމެއް ތަހުގީގު ކުރަން އަންގާކަށް ބޭނުމެއް ނުވޭ. ހުރިހާ މުއައްސަސާތައް އެހެރީ ހަމަ ޗޭނުން ބިޑި އަޅުވާފައި. އެއްވެސް މުއައްސަސާއަކުން އަމިއްލަ އިސް ނެގުމަށް މިއިން އެއްވެސް ކަމެއް ބަލާކަށް ނޫޅޭ،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ގެއްލުނު ފައިސާ ހޯދަން ވެސް މަސައްކަތް ނުކުރާ ކަމަށާއި އެ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރީ ސަރުކާރުގައި ވެސް މި ސަރުކާރުގައި ވެސް ހުރީ އެކި ކަންކަމުގައި މަޝްވަރާ ދޭން ގާތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި އެމަނިކުފާނުގެ އެކައުންޓާއި އަދި ގޭގައި ހުރި ފައިސާ ވެސް ބަލަން ފުލުހުންނަށް 5 އަހަރު ލިބުނު ކަމަށާއި ނަމަވެސް މި މައްސަލާގައި ދެން ތުހުމަތު ކުރާ އެއްވެސް މީހެއްގެ މައްސަލަ ނުބަލާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެ މައްސަލާގައި ޖަވާބުދާރީވާން އަދިވެސް ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.