Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ސްކޫލް ކުދިންނަށް ޑްރަގް ހިމެނޭ ވޭޕް އެބަދޭ: އިހުސާން

މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްކޫލްތަކުގެ ކުދިންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދޭކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވޭޕް އޮއިލްގެ ގޮތުގައި ރާއްޖެ އެތެރެކުރި ކެނެބިސް ޝިޕްމެންޓެއް ކަސްޓަމްސް އިން ރޭގެ ވަގުތެއްގައި ވަނީ އަތުލައިގެންފަ އެވެ. އަދި މިއަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ކެނަބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކެއް ވެސް އަތުލައިގެންފަ އެވެ.

އިހުސާން ވިދާޅުވީ ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގެންފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން ނިންމަވައިފަ އެވެ.

އެގޮތުން ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.

ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑަރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.