Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

މާލެ އާއި ފުނަދޫ ގުޅާލާ މޮނޮރޭލް އަޅަން ހަވާލުކޮށްފި

އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަމުން އަންނަ ހުޅުލެއާއި މާލެ ގުޅުވާލާ މޮނޮރޭލް އެޅުމުގެ މަސައްކަތް ކުރުމަށް އެމްއޭސީއެލުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. ބީޔޫސީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއި އެވެ.

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ) އިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު މިއަހަރުގެ ޖެނުއަރީ މަހު ވަނީ އިފްތިތާހުކޮށްފަ އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއު ނިމިގެންދާއިރު ވީއައިއޭ އިން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް 35000 އަކަ މީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.

މީގެއިތުރުން ވީއައިއޭ ކައިރީ އޮތް ފުނަދޫގައި އެއާޕޯޓު އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާއިރު، ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޖެޓްތަކަށް ހާއްސަ ޓާމިނަލެއް ވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.